ޖިނާއީ އިޖުރާއަތުގެ ޤާނޫނު އެއްވަނަ ބައި އިބްތިދާއީ މާއްދާތައް އެއްވަނަ ބާބު ތަޢާރުފާއި މަޤްޞަދު ތަޢާރުފާއި ނަން 1. (ހ) މިއީ، ދިވެހިރާއްޖޭގައި ޖިނާއީ ކުށްކުށް ތަޙްޤީޤުކުރުމާއި، ޖިނާއީ ކުށްކުށުގެ ދަޢުވާ އުފުލުމާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. (ށ) މި ޤާނޫނަށް ކިޔާނީ، "ޖިނާއީ އިޖުރާއަތުގެ ޤާނޫނު" އެވެ. މަޤްޞަދު 2. މި ޤާނޫނުގެ މަޤްޞަދުތައް، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. (ހ) ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ޖިނާއީ ކުށުގެ ތަޙްޤީޤުތައް ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމާއި، އެފަދަ ތަޙްޤީޤުތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުން؛ (ށ) ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ބާރުއެޅުމާއި، އެފަދަ ދަޢުވާތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުން؛ (ނ) ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްތައް ވީހާވެސް އިންޞާފުވެރިކޮށް، އަދި އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމަށްޓަކައި ބޭނުންވާ އުސޫލުތައް ކަނޑައެޅުން. ޤާނޫނު އެމައްޗަށް އެކުލެވިގެންވާ ބައިތައް 3. މި ޤާނޫނު އެކުލެވިގެންވަނީ، އަންނަނިވި ބައިތަކުގެ މައްޗަށެވެ. (ހ) އިބްތިދާއީ ބައި: ފެށުމުގެ މާއްދާތަކާއި، ޤާނޫނުގެ މަޤްޞަދުތަކާއި، ޤާނޫނުގައި އެކުލެވޭ މަފްހޫމްތަކުގެ ރަދީފު؛ (ށ) ތަޙްޤީޤު މަރުޙަލާ: ޖިނާއީ ކުށްތަކާ ގުޅިގެން މައްސަލަ ހުށަހެޅުމާއި، ތަންތަނާއި މުދާ ބަލައި ފާސްކުރުމާއި މުދާ ހިފެހެއްޓުމާއި، މީހުން ހުއްޓުވައި ބަލައި ފާސްކުރުމާއި ހައްޔަރުކުރުމުގައި ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ޖިނާއީ ކުށްކުށް ތަޙްޤީޤުކުރުމާ ގުޅޭގޮތުން ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭ ބާރުތަކާއި، އެފަދަ ކުށްކުށް ތަޙްޤީޤުކުރުމުގައި އެ އިދާރާތަކުން ޢަމަލުކުރަންޖެހޭ އެނޫންވެސް އުސޫލުތައް؛ (ނ) ދަޢުވާކުރުމުގެ މަރުޙަލާ: ދަޢުވާކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ދަޢުވާ ނުކޮށް ދޫކޮށްލެވޭނެ ޙާލަތްތަކާއި، އުފުލިފައިވާ ދަޢުވާއެއް އަނބުރާ ގެންދެވޭނެ ޙާލަތްތަކާއި، އެކަންކަން ކުރުމުގައި ޢަމަލުކުރަންވީ އުސޫލުތައް؛ (ރ) ޝަރީޢަތުގެ ކުރީގެ މަރުޙަލާ: ޝަރީޢަތުގެ އިބްތިދާއީ އަޑުއެހުމާގުޅޭ އުސޫލުތަކާއި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމާބެހޭ އުސޫލުތައް؛ (ބ) ޝަރީޢަތުގެ މަރުޙަލާ: ޝަރީޢަތަށް ހުށަހެޅޭ މައްސަލަތައް ހިންގުމުގެ އުސޫލުތަކާއި، ހެކި ހުށަހެޅުމާއި ހެކީން ހާޒިރުކުރުމާގުޅޭ އިޖުރާއަތުތަކާއި، ޙުކުމްކުރުމާއި އަދަބު ކަނޑައެޅުމާގުޅޭ އުސޫލުތައް؛ (ޅ) ޝަރީޢަތުގެ ފަހުގެ މަރުޙަލާ: ޙުކުމް ތަންފީޛުކުރުމާގުޅޭ އުސޫލުތަކާއި، އިސްތިއުނާފުކުރުމާގުޅޭ އުސޫލުތައް؛ (ކ) ޢާންމު ބައި: ޢާންމު ޖިނާއީ އިޖުރާއަތުތަކާއި، ޤާނޫނަށް ޢަމަލުކުރަން ފެށުމާގުޅޭ އުސޫލުތަކާއި، ޤާނޫނުގައި އެކުލެވޭ ލަފްޒުތަކާއި ޢިބާރާތްތަކުގެ މާނަކުރުން. ޖިނާއީ ކުށުގެ ދަޢުވާ އުފުލުން 4. ޖިނާއީ ކޮންމެ މައްސަލައެއްވެސް ޝަރީޢަތަށް ހުށަހަޅަންވާނީ ދައުލަތުން ކުރާ ދަޢުވާއެއްގެ ގޮތުގައެވެ. ޖިނާއީ މައްސަލަތަކުގައި ދައުލަތުގެ ނަމުގައި ދަޢުވާކުރާނީ، ޕްރޮސިކިއުޓަރ ޖެނެރަލްއެވެ. ޖިނާއީ ކުށް ތަޙްޤީޤުކުރުން 5. (ހ) ދައުލަތުން ކުރާ ކޮންމެ ޖިނާއީ ދަޢުވާއެއްގައި އެކުލެވިގެންވާ ކުށުގެ މައްސަލަ، އެކަށީގެންވާ މިންވަރަކަށް ތަޙްޤީޤުކުރެވިފައި އޮންނަންވާނެއެވެ. (ށ) ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގެ ބާރު ލިބިގެންވަނީ، ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށެވެ. ޖިނާއީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓުތައް 6. (ހ) ޖިނާއީ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ އަންނަނިވި ކޯޓުތަކަށެވެ. (1) އަންނަނިވި ސުޕީރިއަރ ކޯޓުތައް: (i) ކްރިމިނަލް ކޯޓު؛ (ii) ޖުވެނައިލް ކޯޓު؛ (iii) ޖިނާއީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ޤާނޫނަކުން ދީ، ސުޕީރިއަރ ކޯޓުގެ ދަރަޖައިގައި އުފައްދާފައިވާ ޚާއްޞަ ކޯޓުތައް. (2) މެޖިސްޓްރޭޓް ކޯޓުތައް. (3) ފުރަތަމަ މަރުޙަލާގައި ޖިނާއީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ޤާނޫނަކުން ދީފައިވާ އެނޫންވެސް ކޯޓުތައް. (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޯޓުތަކަށް ޖިނާއީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި ނުވަތަ އެހެން ޤާނޫނެއްގައި އެ ކޯޓުތަކަށް ކަނޑައެޅިފައިވާ އިޚްތިޞާޞްގެ ދާއިރާގެ ތެރޭގައެވެ. އަދި އެއިން އެއްވެސް ކޯޓަކަށް ލިބިދީފައިވާ އިޚްތިޞާޞްގެ ދާއިރާ ޤާނޫނަކުން ހަނިކޮށްފައިވާނަމަ، އެ ކޯޓަކަށް އެ އިޚްތިޞާޞް ލިބިގެންވާނީ، އެ ޤާނޫނަކުން އެ އިޚްތިޞާޞް ހަނިކޮށްފައިވާ މިންވަރަކަށް ކަމުގައި މި ޤާނޫނުގެ ބޭނުމަށްޓަކައި ބެލޭނެއެވެ. (ނ) މެޖިސްޓްރޭޓް ކޯޓަކުން ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލަތަކުގެ ދަޢުވާ ހުށަހަޅާނީ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށެވެ. (ރ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ޖިނާއީ ކުށުގެ ޢަމަލު ހިނގި ރަށެއްގައިވާ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި، ނުވަތަ ދަޢުވާ ލިބޭ މީހާ ދިރިއުޅޭ ރަށެއްގައިވާ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި، އެ ކުށުގެ ދަޢުވާ އުފުލުމުގެ ޙައްޤު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ. (ބ) ޖިނާއީ މައްސަލަތައް އިސްތިއުނާފު މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ، ހައި ކޯޓަށާއި ސުޕްރީމް ކޯޓަށެވެ. ދެވަނަ ބާބު މަފްހޫމްތަކުގެ ރަދީފު މަފްހޫމްތަކުގެ އަސާސް 7. މި ޤާނޫނުގައި ބަޔާންކޮށްފައިވާ މަފްހޫމުތައް މި ބާބުގައި ބަޔާންކޮށްފައި އެވަނީ، މި ޤާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި، މި ޤާނޫނުގެ މަޤްޞަދު އެންމެ ފުޅާމިނުގައި ޙާޞިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ޤާނޫނުގެ ހަމަ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ. ޙުކުމްކުރުން 8. "ޙުކުމްކުރުން" ކަމަށް ބުނެފައި އެވަނީ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ޖިނާއީ ދަޢުވާއެއްގެ ޝަރީޢަތް ހިންގުމަށްފަހު، ނުވަތަ އެފަދަ މައްސަލައެއް އަވަސް ނިޔާއިން ބެލުމަށްފަހު، އެ ދަޢުވާގައި ބަޔާންކުރާ ކުށް، ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ސާބިތުވާ ކަމަށް ނުވަތަ ސާބިތުނުވާ ކަމަށް ކަނޑައަޅައި، ނުވަތަ ދަޢުވާ ލިބޭ ފަރާތް އެ މައްސަލައިގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަންނުޖެހޭ ކަމަށް ކަނޑައަޅައި، މި ޤާނޫނުގެ 154 ވަނަ މާއްދާގެ ދަށުން ކުރާ ޙުކުމަށެވެ. ކުށުގެ ތުހުމަތުގައިވާ މީހާ 9. "ކުށުގެ ތުހުމަތުގައިވާ މީހާ" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުކުރެވިގެން އެމީހަކާ ދެކޮޅަށް މި ޤާނޫނުގެ ދަށުން އެ ވަގުތަކު ތަޙްޤީޤު ހިންގެމުންދާ، ނުވަތަ ހިންގުމަށްފަހު އެ ވަގުތަކާ ހަމައަށް އެ ކުށުގެ ދަޢުވާ އުފުލިފައިނުވާ މީހާއަށެވެ. މީގެ ތެރޭގައި، އެމީހެއްގެ މައްޗަށް ތަޙްޤީޤު އިތުރަށް ކުރިއަށް ނުގެންދިއުމަށް ނުވަތަ ދަޢުވާ ނުއުފުލުމަށް ނިންމޭ މީހާއަކީ ކުށުގެ ތުހުމަތުގައިވާ މީހެއްކަމަށް ބަލައިގެންނުވާނެއެވެ. ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓު 10. "ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓު" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ދަޢުވާއެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކަމަށް މި ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ކޮންމެ ކޯޓަކަށެވެ. އިބްތިދާއީ އަޑުއެހުން 11. "އިބްތިދާއީ އަޑުއެހުން" ކަމަށް ބުނެފައި އެވަނީ، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާގެ މައްޗަށް ކުރެވިފައިވާ ދަޢުވާ އޭނާއަށް ސާފުވެފައިވޭތޯ ބެލުމަށާއި، ދަޢުވާއަށް އޭނާ ޖަވާބުދާރީވާ ގޮތެއް ބެލުމަށާއި، ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބަލައި، މައްސަލައިގެ ކުރިއަށްހުރި އަޑުއެހުންތައް ރާވައި ތާވަލުކުރުމަށްޓަކައި، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ބާއްވާ އިބްތިދާއީ އަޑުއެހުމަށެވެ. އަވަސްނިޔާއިން މައްސަލަ ބެލުން 12. "އަވަސްނިޔާއިން މައްސަލަ ބެލުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމުގައި ދަޢުވާ ލިބޭ މީހާ ކުށަށް އިޢުތިރާފުވާ ޙާލަތުގައި، އޭނާގެ މައްޗަށް ޙުކުމްކުރުމަށްޓަކައި މި ޤާނޫނުގެ 162 ވަނަ މާއްދާގެ ދަށުން ޝަރީޢަތް ހިންގުމަށެވެ. އިސްތިއުނާފުކުރުން 13. "އިސްތިއުނާފުކުރުން" ކަމަށް ބުނެފައި އެވަނީ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ޖިނާއީ ދަޢުވާއެއްގެ ޝަރީޢަތް ހިންގުމަށްފަހު، އެ ދަޢުވާގައި ބަޔާންކުރާ ކުށް، ދަޢުވާ ލިބޭ މީހާގެ މައްޗަށް ސާބިތުވާކަމަށް ނުވަތަ ސާބިތުނުވާކަމަށް ކަނޑައަޅައި، ކުރާ ޙުކުމް، މައްސަލައިގައި ހިމެނޭ ފަރާތަކުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށެވެ. ނުވަތަ ދަށު ކޯޓުގެ ޙުކުމް އިސްތިއުނާފުކުރުމުން ހައިކޯޓުން އެ މައްސަލަ ބަލައި ކަނޑައަޅާ ޙުކުމް، އެއިން ފަރާތަކުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށެވެ. މައްސަލަ ބާޠިލުކުރުން 14. "މައްސަލަ ބާޠިލުކުރުން" ކަމަށް ބުނެފައި އެވަނީ، ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުރެވިފައިވާ ދަޢުވާ އޭނާއަށް ސާފުވެފައިވޭތޯ ބެލުމަށާއި، ދަޢުވާއަށް އޭނާ ޖަވާބުދާރީވާ ގޮތެއް ބެލުމަށާއި، ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމަށް ބާއްވާ އިބްތިދާއީ އަޑުއެހުމަށްފަހު، އެ ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް ނެތް ކަމަށް ފެންނަ ޙާލަތުގައި އެ ދަޢުވާ ކުރިއަށްގެންދެވެން ނެތް ކަމަށް ކަނޑައަޅައި މައްސަލަ ބާޠިލުކުރާ ކުރުމަށެވެ. ދައުލަތް 15. "ދައުލަތް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލައެއްގެ ދަޢުވާ އުފުލާ ޙާލަތުގައި އެ ދަޢުވާއާ ގުޅޭގޮތުންނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްއަށެވެ. އެނޫން ޙާލަތެއްގައި، ދައުލަތުގެ ކަމާބެހޭ އިދާރާއަކަށް ނުވަތަ ފަރާތަކަށެވެ. ދަޢުވާކުރުން 16. "ދަޢުވާކުރުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުކުރެވޭ މީހަކު އެ ކުށް ކުރި ކަމަށް ޤަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިފައިވާ ޙާލަތުގައި، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މައްޗަށް އެ ކުށުގެ ޖިނާއީ ދަޢުވާ އުފުލުމަށެވެ. ދަޢުވާ ލިބޭ މީހާ 17. "ދަޢުވާ ލިބޭ މީހާ" ކަމަށް ބުނެފައި އެވަނީ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ޖިނާއީ ކުށެއްގެ ދަޢުވާ އެ މީހަކާމެދު އުފުލިފައިވާ ކޮންމެ މީހަކަށެވެ. ޤާނޫނު ތަންފީޛުކުރާ އިދާރާ 18. "ޤާނޫނު ތަންފީޛުކުރާ އިދާރާ" ކަމަށް ބުނެފައި އެވަނީ، ފުލުހުން ހިމެނޭގޮތުން، ޖިނާއީ ކުށް ތަޙްޤީޤުކޮށް، ފިޔަވަޅުއެޅުމުގެ ބާރު، ޤާނޫނުއަސާސީންނާއި ޤާނޫނުން ލިބިދީފައިވާ ކޮންމެ ތަޙްޤީޤީ އިދާރާއަކަށެވެ. ޝަރީޢަތުގެ މަޖިލިސް 19. "ޝަރީޢަތުގެ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ފަނޑިޔާރެއްގެ ކުރިމަތީގައި ބޭއްވޭ ކޮންމެ އަޑުއެހުމަކަށެވެ. އޭގެ ތެރޭގައި، ކުށުގެ ތުހުމަތުގައިވާ މީހާ ހައްޔަރުކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކޮށް، ބޭއްވޭ އަޑުއެހުމާއި، އިބްތިދާއީ އަޑުއެހުމާއި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ އަޑުއެހުންތަކާއި، މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތަކާއި، ޙުކުމްކުރުމަށާއި އަދަބު ކަނޑައެޅުމަށް ބާއްވާ އަޑުއެހުންތައް ހިމެނޭގޮތުންނެވެ. އަދި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އެއް މާލަމަށްވުރެ ގިނަ މާލަން ގުޅުވާލައިގެން ބޭއްވޭ ކޮންމެ އަޑުއެހުމަކީވެސް، ފަނޑިޔާރެއްގެ ކުރިމަތީގައި ބޭއްވޭ ޝަރީޢަތުގެ މަޖިލީހެކެވެ. ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން 20. "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމުގައި ދަޢުވާ ލިބޭ މީހާ ދަޢުވާއަށް އިންކާރުކުރާ ޙާލަތުގައި، އެ ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމަށްފަހު، ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްނަމަ، މައްސަލައިގެ ޝަރީޢަތް ހިންގުމަށް ފަނޑިޔާރު ނިންމައި، ޝަރީޢަތުގައި މަޢުޟޫޢީގޮތުން ބެލުމަކާ ނުލައި އެއާމެދު ގޮތެއް ނިންމޭނެ ދިފާޢެއް، ނުވަތަ އިޢުތިރާޟެއް، ނުވަތަ އެނޫންވެސް ހުށަހެޅުމެއް ޝަރީޢަތުގެ ކުރިން ހުށަހެޅުމަށްޓަކައި މައްސަލައިގައި ހިމެނޭ ދެ ފަރާތަށް ދެވޭ ފުރުޞަތުގައި ހުށަހެޅޭ ހުށަހެޅުންތަކަށެވެ. ޝަރީޢަތް ހިންގުން 21. "ޝަރީޢަތް ހިންގުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމުގައި ދަޢުވާ ލިބޭ މީހާ ދަޢުވާއަށް އިންކާރުކުރާ ޙާލަތުގައި، އެ ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމަށްފަހު، ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްނަމަ، މައްސަލައިގެ ޝަރީޢަތް ހިންގުމަށް ފަނޑިޔާރު ނިންމައި، ހިންގާ ޝަރީޢަތަށެވެ. ޖިނާއީ ބޮޑެތި ކުށް 22. "ޖިނާއީ ބޮޑު ކުށެއް" ކަމުގައި ބުނެފައި އެވަނީ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށެވެ. (ހ) މީހަކު މެރުމުގެ ކުށް؛ (ށ) ރޭޕްކުރުމުގެ ކުށް؛ (ނ) ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތައް؛ (ރ) ޓެރަރިޒަމްގެ ކުށްތަކާއި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށްތައް؛ (ބ) މަނީ ލޯންޑްރިންގ ކުށްތައް؛ (ޅ) މީހުން ޓްރެފިކްކުރުމުގެ ކުށްތައް؛ (ކ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށްތައް؛ (އ) އަންނަނިވި ކުށްކުށުގެ ތެރެއިން -/100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ ފައިސާގެ ޢަދަދު ހިމެނޭ ކުށްތައް؛ (1) ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 210 ވަނަ ބާބުގައި ބަޔާންކުރާ ކުށްތައް؛ (2) ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ރިޝްވަތުގެ ކުށްކުށާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގައި ކަނޑައަޅާފައިވާ ކޮރަޕްޝަންގެ ކުށްތައް. (ވ) ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގައި ކަނޑައަޅާފައިވާ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ތެރެއިން، -/500,000 (ފަސްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ ފައިސާގެ ޢަދަދު ހިމެނޭ ކުށްތައް؛ (މ) މީހެއްގެ ގުނަވަނެއް ނެތިދާފަދަ ގޮތަކަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށްތައް؛ (ފ) ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 610 ވަނަ މާއްދާއާއި 611 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށްތައް؛ (ދ) ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގައި 1 ވަނަ ދަރަޖައިގެ އަދި 2 ވަނަ ދަރަޖައިގެ ޖިނާޔަތެއް ކަމުގައި ކަނޑައަޅާފައިވާ ކުށްތައް ނުވަތަ އެހެން ޤާނޫނެއްގައި 10 (ދިހައެއް) އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިފައިވާ ކޮންމެ ކުށެއް. ދެވަނަ ބައި ތަޙްޤީޤު މަރުޙަލާ ތިންވަނަ ބާބު މައްސަލަ ހުށަހެޅުން މައްސަލަ ހުށަހަޅަންޖެހޭ އިދާރާ 23. (ހ) މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބޭ ކޮންމެ ފަރާތަކަށްވެސް، އެ ކުށާގުޅޭ މައްސަލަތައް ތަޙްޤީޤުކުރުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް އެ މައްސަލަ ހުށަހެޅިދާނެއެވެ. (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ތަޙްޤީޤުކުރާ އިދާރާއަކަށް މައްސަލަ ހުށަހެޅުމުން، އެ އިދާރާއިން އެ މައްސަލަ ބަލައިނުގެންފިނަމަ ނުވަތަ މައްސަލައިގެ ތަޙްޤީޤު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންގޮސްފައިނުވާކަމަށް މައްސަލަ ހުށަހެޅި ފަރާތަށް ޤަބޫލުކުރެވޭނަމަ، އެކަމުގެ ޝަކުވާ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެއެވެ. (ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެފަދަ ޝަކުވާއެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިއްޖެނަމަ ނުވަތަ އެނޫންވެސް ގޮތަކުން މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާ ކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މަޢުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިއްޖެނަމަ، އެކަން ތަޙްޤީޤުކުރުމަށް ތަޙްޤީޤުކުރާ އިދާރާއަށް އަމުރު ކުރުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ. (ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަމުންދާކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މަޢުލޫމާތު އެއްވެސް ފަރާތަކުން ހުށަނޭޅިނަމަވެސް، ޖިނާއީ ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަންއުޅޭ ކަމަށް އެފަދަ މައްސަލަތައް ތަޙްޤީޤުކުރުމުގެ ބާރު ލިބިދީފައިވާ ޤާނޫނު ތަންފީޛުކުރާ އިދާރާއަކަށް ތުހުމަތުކުރެވުމުން ނުވަތަ އެނގުމުން، އެ އިދާރާގެ އިސްނެގުމުގެ މަތިން، އެ މައްސަލައެއް ބެލުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. މައްސަލަ ހުށަހަޅަންވާ ގޮތް 24. (ހ) މި ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތަޙްޤީޤުކުރާ އިދާރާއަކަށް މައްސަލަ ހުށަހަޅާއިރު، އެ މައްސަލައެއް ހުށަހަޅާ ފަރާތަށް އެނގުނު މިންވަރަކުން، އަންނަނިވި މަޢުލޫމާތު އެ އިދާރާއަކަށް ދޭންވާނެއެވެ. (1) މައްސަލަ ހުށަހަޅާ ފަރާތުގެ ކާކުކަން އަންގައިދޭ މަޢުލޫމާތު؛ (2) މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ މަޢުލޫމާތު؛ (3) ކުށެއް ކުރިކަން ނުވަތަ ކުށެއް ކުރަމުންދާކަން ނުވަތަ ނުވަތަ ކުށެއް ކުރަން އުޅޭކަމަށް ޤަބޫލުކުރާ ސަބަބުތައް؛ (4) ކުށް ކުރި ކަމަށް ނުވަތަ ކުރަން އުޅޭކަމަށް ބެލެވޭ ތާރީޚް؛ (5) މައްސަލަ ހިނގި ނުވަތަ ހިނގާ ތަން ނުވަތަ ހިނގާނެ ކަމަށް ބެލެވޭ ތަން. (ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާކަން ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މަޢުލޫމާތު ތަޙްޤީޤުކުރާ އިދާރާއަށް ދޭ ފަރާތަކީ ކޮން ފަރާތެއްކަން އޭނާ ހާމަކުރަން ބޭނުންނުވާނަމަ، އެ މަޢުލޫމާތު ދިނުން ލާޒިމެއް ނޫނެވެ. އަދި އެ ފަރާތެއްގެ މަޢުލޫމާތު ތަޙްޤީޤުކުރާ އިދާރާއަށް ދިންނަމަވެސް، އެ މަޢުލޫމާތު ސިއްރުކުރަން އޭނާ އެދެފިނަމަ އެ އިދާރާއިން އެކަން ސިއްރުކުރަންވާނެއެވެ. (ނ) ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ ކޮންމެ ފަރާތަކުންވެސް އެ ފަރާތަށް މައްސަލަ ހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދަންވާނެއެވެ. މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުން ދޫކުރުން 25. މި ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޙްޤީޤުކުރާ އިދާރާއަކަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައާ ގުޅޭގޮތުން މައްސަލަ ހުށަހަޅާ ފަރާތުން ދޭ މަޢުލޫމާތު ރެކޯޑުކުރުމަށްފަހު، އެ މައްސަލަ އެތަނުގައި ރަޖިސްޓަރީކުރިކަމުގެ ލިޔުމެއް މައްސަލަ ހުށަހެޅި ފަރާތަށް ދޭންވާނެއެވެ. މައްސަލަ ނިމުނު ގޮތް އެންގުން 26. (ހ) މި ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޙްޤީޤުކުރާ އިދާރާއަކަށް ހުށަހެޅޭ މައްސަލަތައް ރަޖިސްޓަރީކުރުމަށްފަހު، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އެ މައްސަލައާމެދު ޢަމަލުކުރަންވާނެއެވެ. (1) ކުށް ކުރި ކަމަށް ބުނާ މީހާ އެކަން ކުރި ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބު ހުރި ކަމަށްވާނަމަ، އެ މައްސަލަ ތަޙްޤީޤުކުރުން؛ ނުވަތަ (2) ކުށެއް ކުރާ ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލެވޭ މީހާ އެކަން ކުރާ ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބު ހުރި ކަމަށްވާނަމަ، އެ މައްސަލަ ތަޙްޤީޤުކުރުން؛ ނުވަތަ (3) ކުށް ކުރި ކަމަށް ބުނާ މީހާ އެކަން ކުރި ކަމަށް ބެލުމަށް އެކަށީގެންވާ ސަބަބު ނެތްނަމަ، އިތުރަށް އެ މައްސަލައިގެ ތަޙްޤީޤު ކުރިއަށް ނުގެންދިއުން؛ ނުވަތަ (4) ކުށެއް ކުރާ ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލެވޭ މީހާ އެކަން ކުރާ ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބު ނެތްނަމަ، އިތުރަށް އެ މައްސަލައިގެ ތަޙްޤީޤު ކުރިއަށް ނުގެންދިއުން. (ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މައްސަލައަކާމެދު ގޮތެއް ނިންމުމަށްފަހު، އެ މައްސަލައެއް ހުށަހެޅި ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ. ހަތަރުވަނަ ބާބު ތަންތަނާއި މުދާ ބަލައި ފާސްކުރުމާއި މުދާ ހިފެހެއްޓުން ތަންތަނާއި މުދާ ބަލައި ފާސްކުރުމުގެ ބާރު 27. (ހ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތަންތަނާއި މުދާ ބަލައި ފާސްކުރުމުގެ އިޚްތިޔާރު، ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިގެންވެއެވެ. (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ތަންތަނާއި މުދާ ބަލައި ފާސްކުރުމުގެ އިޚްތިޔާރު ލިބިގެންވަނީ، ޤާނޫނަކުން ކަނޑައެޅިގެން އެ ބާރު ލިބިދޭ ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށެވެ. ޢާންމު ތަންތަނަށް ވަނުން 28. އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު، ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން ތަޙްޤީޤުކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން ޢާންމު ތަނަކަށް ވަންނަންޖެހިއްޖެނަމަ، ކޯޓު އަމުރަކާ ނުލައި، އެތަނަކަށް ވަނުމުގެ ބާރު، ޤާނޫނު ތަންފީޛުކުރާ ކޮންމެ އިދާރާއަކަށް ލިބިގެންވެއެވެ. ޢާންމު ތަންތަން ބަލައި ފާސްކުރުން 29. (ހ) ކޯޓު އަމުރަކާ ނުލައި، މި މާއްދާގައިވާ ގޮތުގެމަތިން ޢާންމު ތަންތަން ބަލައި ފާސްކުރުމުގެ ބާރު، ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިގެންވެއެވެ. (ށ) މި މާއްދާގެ (ހ) އިން ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭ ބާރުގެ ތެރޭގައި، އަންނަނިވި ކަންކަން ކުރުމުގެ ބާރުވެސް، އެ އިދާރާތަކަށް ލިބިގެންވެއެވެ. (1) އެތަނެއް ބަލައި ފާސްކުރުމަށްޓަކައި، އެތަނުގައި ތިބެންޖެހޭނެކަމަށް އެ އިދާރާއަކުން ކަނޑައަޅާ ވަގުތެއް ވަންދެން އެތަނެއްގައި ތިބުން؛ (2) ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ޤަބޫލުކުރެވޭ އެއްޗެއް ފެނޭތޯ އެތަނެއް ހޯދުން؛ (3) ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ޤަބޫލުކުރެވޭ އެއްޗެއް ފެނިއްޖެނަމަ، އެ އެއްޗެއް އެ އިދާރާއެއްގެ ބެލުމުގެ ދަށަށް ގެންދިއުން؛ (4) ޢާންމު ތަނެއްގައި ހުރި މީހެއް ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެ ވަގުތަކު އެ އުޅެނީ ކުށެއް ކުރަން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެއްޖެ ހިނދެއްގައި، ނުވަތަ ކޯޓު އަމުރަކުން ހުއްދަ ލިބިގެން، އެ މީހާ އަތުގައި ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ޤަބޫލުކުރެވޭ އެއްޗެއް އޮތްކަމުގައި އެ އިދާރާއަށް ޤަބޫލުކުރެވޭނަމަ، އެ މީހެއްގެ އަތުން އެ އެއްޗެއް އެ އިދާރާއެއްގެ އޮފިސަރުން އަތުލައި، އެ އިދާރާއެއްގެ ބެލުމުގެ ދަށަށް އެ އެއްޗެއް ގެންދިއުން؛ (5) އެތަނާއި އެތަނުގައިވާ އެއްޗެހީގެ ފޮޓޯ އަދި/ނުވަތަ ވީޑިއޯ ނެގުން؛ (6) އެތަނެއްގައި ހުރި ޢިމާރާތެއް ބަލައި ފާސްކުރުން؛ (7) އެތަނެއް ކޮނެގެން ބެލުން؛ (8) އެތަނެއްގައި ބަންދުކޮށްފައި ހުރި އެއްޗެއް ހުރިނަމަ، އެ އެއްޗެއް ހުޅުވައިގެން ބެލުން؛ (9) އެތަނެއްގައި ތަޅުލާފައިހުރި އެއްޗެއް ހުރިނަމަ، އެ ތަޅު ހުޅުވައިގެން ނުވަތަ ހަލާކުކޮށްލައިގެން އެ އެއްޗެއް ބެލުން. (ނ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ދަށުން ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭ ބާރު ބޭނުންކުރުމުގައި މީހަކު ބަލައި ފާސްކުރަންޖެހިއްޖެނަމަ، އެކަން ކުރެވޭނީ، މި ޤާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތްތަކުގައި، އެ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ފުލުހުންނަށާއި، މީހަކު ބަލައި ފާސްކުރުމުގެ ބާރު ޤާނޫނަކުން ކަނޑައެޅިގެން ދީފައިވާ ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށެވެ. (ރ) މި މާއްދާގެ (ހ) ގެ ދަށުން ޢާންމު ތަނެއް ބަލައި ފާސްކުރުމުގައި އެތަނެއްގައި ހުރި ޢިމާރާތެއް ބަލައި ފާސްކުރުމުގެ ބާރު މި މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުން ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދެނީ، އެ ޢިމާރާތަކީ އަމިއްލަ ތަނެއްގެ މާނައިގައި ހިމެނޭ ޢިމާރާތެއް ކަމުގައިނުވާ ޙާލަތުގައި އެކަންޏެވެ. އަމިއްލަ ތަނެއްގެ މާނައިގެ ތެރޭގައި ހިމެނޭ ޢިމާރާތެއް ބަލައި ފާސްކުރެވޭނީ، މި ޤާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ. އަމިއްލަ ތަންތަނަށް ވަނުން 30. (ހ) އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން ތަޙްޤީޤުކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން އަމިއްލަ ތަނަކަށް ވަންނަންޖެހިއްޖެނަމަ، މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންވެގެންވާ ޙާލަތްތަކުގައި ފިޔަވައި، އެތަނަކަށް، އެތަނެއްގެ ވެރިފަރާތުގެ ރުހުމަކާ ނުލައި ވަދެވޭނީ، ކޯޓު އަމުރަކާ އެކުގައެވެ. (ށ) އަންނަނިވި ޙާލަތްތަކުގައި، އަންނަނިވި ކަންކަން ކުރުމަށްޓަކައި، ކޯޓު އަމުރަކާ ނުލައި، އަމިއްލަ ތަނަކަށް ވަނުމާއި އެކަންކަން ކުރަން އެކަށޭނަ މިންވަރެއްގެ ވަގުތަކަށް އެތަނެއްގައި މަޑުކުރުމުގެ، ނުވަތަ ތިބުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ. (1) ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ލިބިދޭ ޙާލަތުގައި ހުރި މީހަކު ހައްޔަރުކުރުމަށް؛ (2) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ ބާރު ލިބިގެންވާ މީހަކު ހައްޔަރުކުރުމަށް؛ (3) ކުށެއް ކުރިކަމަށް ބެލެވޭ މީހަކު ހައްޔަރުކުރުމަށްޓަކައި އޭނާ ފަހާ ދަނިކޮށް އޭނާ އަމިއްލަ ތަނަކަށް ވަދެއްޖެ ޙާލަތެއްގައި، އޭނާ ހޯދުމަށް އެތަނަކަށް ވަނުމަށް. (ނ) އަމިއްލަ ތަނަކީ، މީހުން ދިރިނޫޅޭ، ފަޅުކޮށް ދޫކޮށްލާފައިވާ ތަނެއް ކަމުގައިވެފައި، އެތަނުގައި ކުށެއް ކުރަމުންދާ ކަމަށް ނުވަތަ ކުށެއް ކޮށްފައިވާކަމަށް ޤަބޫލުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެ ކުށް ކުރުން ހުއްޓުވުމަށްޓަކައި ނުވަތަ އިތުރު ކުށެއް ކުރިޔަނުދިނުމަށްޓަކައި ނުވަތަ ކުށް ކުރަމުންދާ ނުވަތަ ކުރި ފަރާތްތައް ހައްޔަރުކުރުމަށްޓަކައި، ކޯޓު އަމުރަކާ ނުލައި، އެތަނަކަށް ވަނުމާއި، އެކަންކަން ކުރަން އެކަށޭނަ މިންވަރެއްގެ ވަގުތަކަށް އެތަނެއްގައި މަޑުކުރުމުގެ، ނުވަތަ ތިބުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ. (ރ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތުގައި އަމިއްލަ ތަނަކަށް ފުލުހުންނަށް ވަދެވޭނީ، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ޙާލަތުގައި ހުރި މީހަކު އެތަނެއްގައި ވާކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް، ފުލުހުންނަށް ޤަބޫލުކުރެވުމާއެކު، އެ ހެކީގެ މައްޗަށް ބިނާކޮށް ސަބް އިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ ފުލުހެއްގެ ހުއްދަ ލިބިގެންނެވެ. (ބ) މި މާއްދާގެ (ށ)، (ނ) އަދި (ރ) އެހެން އޮތްނަމަވެސް، މީހެއްގެ ފުރާނައަށް ނުވަތަ މީހެއްގެ މުދަލަކަށް ލިބިދާނެ ގެއްލުމަކުން އެ މީހަކު ނުވަތަ އެ މުދަލެއް ސަލާމަތްކުރުމަށްޓަކައި އަމިއްލަ ތަނަކަށް ވަނުމަށް އެއްވެސް ފަރާތަކަށް ލިބިދޭ ޙައްޤަކަށް، ނުވަތަ ޤާނޫނީގޮތުން ޙަވާލުކުރުމުގެ ބާރު ލިބިގެންވާ ލިޔުމެއް ނުވަތަ އަމުރެއް ޙަވާލުކުރުމަށް ނުވަތަ ރައްދުކުރުމަށް އަމިއްލަ ތަނަކަށް ވަނުމަށް ޤާނޫނު ތަންފީޛުކުރާ އިދާރާއަކަށް ލިބިދޭ ބާރަކަށް އެއްވެސް ހަނިކަމެއް ނާންނާނެއެވެ. (ޅ) ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަނަކަށް ވަނުމަށް މި މާއްދާގެ ދަށުން ޤާނޫނު ތަންފީޛުކުރާ އިދާރާއަކަށް ލިބިދޭ ބާރެއްގެ ބޭނުން ހިފުމުގައި، އެތަނަކަށް އެ އިދާރާއެއްގެ އޮފިސަރަކު ވަނީ ކޮން މަޤްޞަދެއްގައި ކަމާމެދު އެތަނުގެ ވެރިފަރާތުން ނުވަތަ އެ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ ފަރާތަކުން ސުވާލުކޮށްފިނަމަ، އޭނާ އެތަނަށް ވަނީ، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ޙާލަތްތަކުގެ ތެރެއިން ކޮން ޙާލަތެއްގައިކަން ސާފުކޮށްދޭންވާނެއެވެ. (ކ) ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަނަކަށް ވަނުމުން އުފެދޭ މައްސަލައެއްގައި، އެތަނަށް ވަތް ވަނުން ބިނާކުރި އެކަށީގެންވާ ސަބަބަކީ ކޮބައިކަން ސާބިތުކޮށްދިނުމަކީ، ޤާނޫނު ތަންފީޛުކުރާ އިދާރާގެ ޒިންމާއެކެވެ. (އ) ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަނަކަށް ވަތްނަމަވެސް، އަމިއްލަ ތަނެއް ބަލައި ފާސްކުރެވޭނީ، މި ޤާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ. (ވ) ފުލުހުންގެ މައި މަރުކަޒު ނުވަތަ ސަރަޙައްދީ މަރުކަޒެއް ޤާއިމުކުރެވިފައިވާ ރަށެއް ފިޔަވައި އެހެން ރަށެއްގައި ސަބް އިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީ އޮފިސަރަކު ނެތްނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކުރާ ހުއްދަ ދޭނީ، އެ ރަށެއްގައި ހުންނަ ޕޮލިސް ސްޓޭޝަނެއްގެ ސްޓޭޝަން އިންޗާޖެވެ. އަމިއްލަ ތަންތަން ބަލައި ފާސްކުރުން 31. (ހ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކުށަކާގުޅޭ ހެކި އަމިއްލަ ތަނެއްގައި ހުރިކަމަށް ޤާނޫނު ތަންފީޛުކުރާ އިދާރާއަކަށް ބެލެވޭނަމަ، އަދި އެއީ އެ ކުށް ސާބިތުކުރުމަށްޓަކައި ހެކީގެ ގޮތުގައި ޝަރީޢަތަށް ހުށަހެޅުމަށް ބޭނުންތެރިވެދާނެ އެއްޗެއް ކަމަށްވާނަމަ، އެ އެއްޗެއް ހޯދުމަށް އެތަނަކަށް، އެތަނުގެ ވެރިފަރާތުގެ ނުވަތަ އެތަނެއްގައި ދިރިއުޅޭ ފަރާތެއް ނުވަތަ އެވަގުތަކު އެތަނަކާ ޙަވާލުވެގެން ހުރި ފަރާތުގެ ރުހުމާ ނުލައި ޤާނޫނު ތަންފީޛުކުރާ އިދާރާއަށް ވަދެވޭނީ، ކޯޓު އަމުރެއްގެ ދަށުންނެވެ. (ށ) އަމިއްލަ ތަންތަން ބަލައި ފާސްކުރުމުގެ އަމުރަކަށް އެދި ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން ކޯޓަށް ހުށަހަޅާއިރު އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ. (1) ބަލައި ފާސްކުރުމަށް ވަންނަން ބޭނުންވާ ތަނުގެ މަޢުލޫމާތު؛ (2) ބަލައި ފާސްކުރުމަށް ވަންނަން ބޭނުންވާ ތަނުގެ ވެރިފަރާތާބެހޭ މަޢުލޫމާތު؛ (3) ހޯދަން ބޭނުންވާ މުދަލުގެ ވެރިފަރާތް އެނގޭނަމަ، އެ ފަރާތުގެ މަޢުލޫމާތު؛ (4) ބަލައި ފާސްކުރުމަށް އެތަނަކަށް ވަންނަން ބޭނުންވާ ސަބަބު؛ (5) އެތަން ބަލައި ފާސްކުރަން ބޭނުންވަނީ ކޮން ޤާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން؛ (6) ހޯދަން ބޭނުންވާ މީހަކު ނުވަތަ އެއްޗެއް އެތަނުގައި ވާކަމަށް ލިބިފައިވާ ހެކި؛ (7) އެ އަމުރުގެ ދަށުން އެއް ފަހަރަށްވުރެ ގިނަ ފަހަރު އެތަނަށް ނުވަތަ ތަންތަނަށް ވަންނަން އެދޭނަމަ، އެކަން؛ (8) އެތަނަށް ވަންނަން ބޭނުންވާ ވަގުތު؛ (9) ހޯދަން ބޭނުންވާ އެއްޗެހީގެ މަޢުލޫމާތު؛ (10) އަމުރަށް އެދޭ އިދާރާގެ ވެރިއެއްގެ ނަމާއި، ސޮޔާއި، އެ އިދާރާގެ ތައްގަނޑު؛ (11) އަމުރަށް އެދޭ އޮފިސަރުގެ ނަމާއި، ސަރވިސް ނަންބަރު ނުވަތަ ކާކުކަން އަންގައިދޭ ކާޑު ނަންބަރާއި، އޭނާގެ މަޤާމާއި ސޮއި؛ (12) ކޯޓުން އިތުރު މަޢުލޫމާތެއް ހުށަހެޅުމަށް އެދިއްޖެނަމަ، އެ މަޢުލޫމާތު. (13) އެތަން ބަލައި ފާސްކުރަން ބޭނުންވަނީ، ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ވަކި މީހަކާ ގުޅިގެން ކަމަށްވާނަމަ، އެމީހެއްގެ މަޢުލޫމާތު؛ (14) ބަލައި ފާސްކުރަން ބޭނުންވާ ތަނަކީ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ ބާރުގެ ދަށުގައިވާ ނުވަތަ އޭނާ ދިރިއުޅެމުންގެންދާ ތަނެއް ކަމުގައިވާނަމަ، އެކަން؛ (15) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މަޢުލޫމާތު. (ނ) ކޯޓު އަމުރަކަށް އެދި މި މާއްދާގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅޭގޮތުން ފަނޑިޔާރު ސާފުކުރަން ބޭނުންވާ ސުވާލުތަކަށް، އެ އަމުރަށް އެދޭ ޤާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރ ޖަވާބުދޭންވާނެއެވެ. ބަލައި ފާސްކުރުމުގެ ކޯޓު އަމުރު 32. (ހ) އަމިއްލަ ތަނެއް ބަލައި ފާސްކުރުމަށް ނެރޭ ކޯޓު އަމުރެއްގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ. (1) އަމުރު ނެރެވޭ ބޭނުން؛ (2) އަމުރުގެ ދަށުން ބަލައި ފާސްކުރެވޭ ތަން، ނުވަތަ ތަންތަން؛ (3) އަމުރުގެ ދަށުން ބަލައި ފާސްކުރެވޭ ތަނަށް ވަދެވޭނީ އެހެން ތަނަކަށް ވަދެގެން ނުވަތަ އެހެން ތަނެއް މެދުވެރިކޮށް ކަމުގައިވާނަމަ، އެބޭނުމަށްޓަކައި އެތަނަކަށް ވަދެވޭނެކަން؛ (4) ބަލައި ފާސްކުރެވޭ ތަނުގެ ވެރިފަރާތުގެ މަޢުލޫމާތު؛ (5) އެތަނުން ހޯދަން ބޭނުންވާ މުދަލުގެ ވެރިފަރާތް އެނގޭނަމަ، އެ ފަރާތް؛ (6) އެތަން ބަލައި ފާސްކުރަން ބޭނުންވަނީ ކޮން ޤާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން؛ (7) ހޯދަން ބޭނުންވާ އެއްޗެހީގެ މަޢުލޫމާތު؛ (8) އެ އަމުރުން ބާރުދޭ ކަންކަން ކުރުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް ބާރުގެ ބޭނުންކުރެވިދާނެކަން؛ (9) އެ އަމުރުގެ ދަށުން ބަލައި ފާސްކުރުމަށްޓަކައި އެއްފަހަރަށްވުރެ ގިނަ ފަހަރު އެތަނަށް ނުވަތަ ތަންތަނަށް ވަދެވޭނަމަ، އެކަން؛ (10) އަމުރު ދެމިއޮންނާނެ މުއްދަތު؛ (11) އެ އަމުރުން ވަނުމަށް ހުއްދަ ދޭ ތަނަކަށް ދުވާލުގެ ނުވަތަ ރޭގަނޑުގެ ކޮންމެ ވަގުތެއްގައިވެސް ވަނުމަށް ހުއްދަދޭނަމަ އެކަން، ނުވަތަ އެފަދަ ތަނަކަށް ވަދެވޭނީ ދުވާލުގެ ނުވަތަ ރޭގަނޑުގެ ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ކަމަށްވާނަމަ އެކަން. (12) ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި އަދި ކޯޓުގެ ތައްގަނޑު. (13) އެތަން ބަލައި ފާސްކުރަން ބޭނުންވަނީ، ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ވަކި މީހަކާ ގުޅިގެން ކަމަށްވާނަމަ، އެމީހެއްގެ މަޢުލޫމާތު؛ (14) ބަލައި ފާސްކުރަން ބޭނުންވާ ތަނަކީ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ ބާރުގެ ދަށުގައިވާ ނުވަތަ އޭނާ ދިރިއުޅެމުންގެންދާ ތަން ކަމުގައިވާނަމަ، އެކަން؛ (15) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މަޢުލޫމާތު. (ށ) އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގެ އަމުރެއް ކޯޓުން ނެރެންވާނީ، އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮތްކަން ކަށަވަރުކުރުމަށްފަހުގައެވެ. (1) ވަންނަން ބޭނުންވާ ތަނުގައި މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަމުންދާކަން ނުވަތަ ކުށެއް ކުރަންއުޅޭކަމަށް ޤަބޫލުކުރުމަށް އެކަށީގެންވާ ސަބަބެއް އޮތުން؛ ނުވަތަ (2) އެތަނަކަށް ވަންނަން ބޭނުންވަނީ ކުށަކާ ގުޅިގެން ހޯދަން ބޭނުންވާ ހެއްކެއް ހޯދުމަށް ކަމުގައިވާނަމަ، އެ އެއްޗެއް އެތަނުގައި ވާކަމަށް ޤަބޫލުކުރުމަށް އެކަށީގެންވާ ސަބަބެއް އޮތުން؛ އަދި (3) އެތަނަކަށް ވަދެގެން މެނުވީ ޙާޞިލުކުރަން ބޭނުންވާ ކަންތައް ފުރިހަމަ ނުކުރެވޭނެކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން. (ނ) ބަލައި ފާސްކުރުމުގެ މަޤްޞަދު ގެއްލިދާނެ ކަމަށް ބެލެވޭ ޙާލަތެއްގައި މެނުވީ، އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގެ ހުއްދަ ފަނޑިޔާރު ދޭންވާނީ އެފަދަ ތަނެއް ބަލައި ފާސްކުރަން އެކަށީގެންވާ ވަގުތެއްގައެވެ. އެނޫން ވަގުތެއްގައި އެތަނަށް ވަނުމުގެ ހުއްދަ ދޭންވާނީ، އެ އަމުރުގެ ދަށުން ކުރަންއެދޭ ކަންކަމަށް ބަލާއިރު، އެއިން ވަގުތެއްގައި އެތަނެއް ބަލައި ފާސްކުރުމުގެ މަޤްޞަދެއް އޮތް ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމައެވެ. (ރ) ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އެ އަމުރު ދެމިއޮންނާނީ، އެ އަމުރުގައި ބަޔާންކުރާ ތަން ނުވަތަ ތަންތަން ބަލައި ފާސްކޮށް ނިމެންދެން ނުވަތަ އެ އަމުރުގެ މުއްދަތު ހަމަވަންދެން ނުވަތަ އެ އަމުރު ބާޠިލުކުރަންދެނެވެ. (ބ) މި މާއްދާގެ ދަށުން ނެރޭ އަމުރަކާ އެއްގޮތްވާ ގޮތުގެމަތިން ހޯދާ ހޯދުމެއްގައި، އެ އަމުރުގައި ބަޔާންކުރާ އެއްޗެއް ނޫން އެހެން އެއްޗެއް ފެނިއްޖެނަމަ، އަދި އެ އެއްޗަކީ، އެހެން ޖިނާއީ ކުށަކާގުޅޭ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްކަމަށް ޤާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރަށް ބެލެވޭނަމަ، އަދި އެ އެއްޗެއް ފޮރުވުމުގެ ފުރުޞަތު ނުވަތަ ނައްތާލުމުގެ ފުރުޞަތު އޮތްކަމަށް އެ އޮފިސަރަކަށް ޤަބޫލުކުރެވޭނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ ބާރު، އެ އަމުރުން ދޭ ކަމުގައި ބެލޭނެއެވެ. (ޅ) މި މާއްދާގެ ދަށުން ބަލައި ފާސްކުރުމުގެ އަމުރެއް ނެރޭއިރު، ބަލައި ފާސްކުރަންޖެހޭ ތަނާއި ފާސްކުރަންޖެހޭ ސަބަބުތަކަށް ރިޢާޔަތްކޮށް، އެކަންކޮށް ނިންމުމަށް އެކަށީގެންވާ މުއްދަތެއް ފަނޑިޔާރު ދޭންވާނެއެވެ. (ކ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި ''އެކަށީގެންވާ ވަގުތެއްގައި'' ކަމުގައި ބުނެފައި އެވަނީ، ހެނދުނު 06:00 އާއި ރޭގަނޑު 09:00 އާ ދެމެދު ހިނގާ ވަގުތަށެވެ. ބަލައި ފާސްކުރުމުގެ އަމުރު ތަންފީޛުކުރުން 33. (ހ) ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށް ހުއްދަދެވޭ ތަނެއް، އެ އަމުރުގައި ކަނޑައަޅާފައިވާ މުއްދަތުގައި ބަލައި ފާސްކޮށް ނިންމަންވާނެއެވެ. އެ އަމުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެތަނެއް ބަލައި ފާސްކޮށް ނިންމޭނެ ކަމަށް އެ އަމުރަށް އެދުނު ޤާނޫނު ތަންފީޛުކުރާ އިދާރާއަށް ބެލެވެން ނެތްނަމަ، އެ އަމުރުގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ ކުރިން، އެ އަމުރުގެ މުއްދަތު އިތުރުކުރުމަށް އެދި ކޯޓަށް ހުށަހަޅަންވާނެއެވެ. (ށ) ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޛުކުރުމުގެ ބާރު، އެ އަމުރަށް އެދޭ ޤާނޫނު ތަންފީޛުކުރާ އިދާރާއެއްގެ ހުއްދަކުރެވިފައިވާ ކޮންމެ އޮފިސަރަކަށްމެ ލިބިގެންވެއެވެ. އަދި އެ އަމުރުގެ ދަށުން ކުރުމަށް ބާރުދޭ ކަންކަން ކުރުމުގެ ބާރު، އެ އޮފިސަރުންނަށާއި، އެ އޮފިސަރުންނާއެކު އެ އަމުރު ތަންފީޛުކުރުމަށް ދާ އެ އިދާރާގެ ހުއްދަކޮށްފައިވާ އެހެން އޮފިސަރުންނަށްވެސް ލިބިގެންވެއެވެ. (ނ) ބަލައި ފާސްކުރުމުގެ އަމުރެއްގައި ހުއްދަ ދީފައިވަނީ ހަމައެކަނި ތަނެއްގެ ވަކި ބައެއް ނުވަތަ ސަރަޙައްދެއް ބަލައި ފާސްކުރުމަށް ކަމުގައިވާނަމަ، އެ ބައެއް ނުވަތަ ސަރަޙައްދެއް ފިޔަވައި އެހެން އެއްވެސް ތަނެއް ބަލައި ފާސްކޮށްގެން ނުވާނެއެވެ. (ރ) އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޛުކުރުމުގެ ގޮތުން އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން، އެތަނުގައި ތިބި ބަޔަކަށް އެތަނަށް ވަންނަކަން އަންގަންވާނެއެވެ. އެހެންނަމަވެސް، އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން އެތަނުގައި ތިބި ބަޔަކަށް އަންގާ އެންގުން ދުރާލާ އެންގުން ލާޒިމެއް ނޫނެވެ. އެތަނަށް ވަނުމުގެ ހިނދުކޮޅެއް ކުރިން އެކަން އެންގުމުން އެ މާއްދާގެ މަޤްޞަދު ޙާޞިލުވީ ކަމުގައި ބެލެވޭނެއެވެ. (ބ) ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޛުކުރުމަށްޓަކައި އެ އަމުރުގައި ބަޔާންކުރާ ތަނަށް ޤާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރަކު ދާއިރު، އެތަނެއްގެ ވެރިފަރާތް އެތަނުގައި ހުރިނަމަ، އެތަން ބަލައި ފާސްކުރަންވާނީ، އެ ފަރާތުގެ ހާޒިރުގައެވެ. އެތަނުގެ ވެރިފަރާތް އެ ތާނގައި ހާޒިރުވެ ނެތް ޙާލަތެއްގައި އެތަން ބަލައި ފާސްކުރަންވާނީ، އެ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ އެހެން ފަރާތެއްގެ ހާޒިރުގައެވެ. އަދި ޤާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރު އަންނަނިވި ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ. (1) އެ އޮފިސަރުގެ ތަޢާރުފެއް އެ ފަރާތަށް ދިނުމަށްފަހު އޭނާއަކީ ޤާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް އޭނާއަށް ދެއްކުން؛ އަދި (2) ކޯޓު އަމުރުގެ ކޮޕީއެއް އޭނާއަށް ދިނުން. (ޅ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ބަލައި ފާސްކުރަންޖެހޭ ތަނުގައި އެތަނުގެ ވެރިފަރާތް ނުވަތަ އެ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ އެހެން މީހަކު އެތަނުގައި ނެތްނަމަ، އެތަނެއް ބަލައި ފާސްކޮށްގެންނުވާނެއެވެ. (ކ) ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޛުކުރާ އޮފިސަރު، އެ ބަލައި ފާސްކުރުމާގުޅޭ މަޢުލޫމާތު ލިޔުމުން ރެކޯޑުކުރަންވާނެއެވެ. އެގޮތުން ރެކޯޑުކުރުމުގައި، ބަލައި ފާސްކުރާ ތަނުގައި ހާޒިރުވެ ތިބި މީހުންނާއި، އެތަނަށް ވަތް ވަގުތާއި، އަމުރު ތަންފީޛުކުރި އޮފިސަރުންނާއި، ބަލައި ފާސްކުރެވޭ ތަނުން ނެގޭ ކޮންމެ އެއްޗެއްގެ ތަފްޞީލު، އެ އެއްޗެއް ނެގުނު ތަން އެނގޭނެ ގޮތަށް ބަޔާންކުރަންވާނެއެވެ. (އ) މި މާއްދާގެ (ކ) ގައި ބަޔާންކުރާ މަޢުލޫމާތު ވަގުތުން ވަގުތަށް ލިޔުމުން ރެކޯޑުކުރުމަކީ ޢަމަލީގޮތުން ދަތިކަމަކަށްވާނަމަ، ބަލައި ފާސްކޮށް ނިމުމަށްފަހު ވީއެންމެ އަވަހަކަށް އެ ބަލައި ފާސްކުރުމާގުޅޭ މަޢުލޫމާތު އެ އޮފިސަރު ލިޔުމުން ރެކޯޑުކުރަންވާނެއެވެ. ބަލައި ފާސްކުރުމަކާގުޅޭ މަޢުލޫމާތު ރެކޯޑުކުރުމާގުޅޭ އުސޫލުތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (ވ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން އެތަނުގައި ތިބި ބަޔަކަށް އެތަނަށް ވަންނަކަން އަންގައިފިނަމަ ބަލައި ފާސްކުރުމުގެ މަޤްޞަދު ގެއްލިދާނެ ކަމަށް ފެނިއްޖެ ޙާލަތެއްގައި، އެތަނުގައި ތިބި ބަޔަކަށް އެންގުމަކާ ނުލައި އެތަނަށް ވަނުމުގެ އިޚްތިޔާރު، ބަލައި ފާސްކުރާ އަމުރު ތަންފީޛުކުރާ އޮފިސަރުންނަށް ލިބިގެންވެއެވެ. (މ) މި މާއްދާގެ (ރ) އާއި (ވ) އެހެން އޮތްނަމަވެސް، ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޛުކުރުމަށްޓަކައި ޤާނޫނު ތަންފީޛުކުރާ އިދާރާގެ ކަމާބެހޭ އޮފިސަރުން އަމިއްލަ ތަނަކަށް ވަންނައިރު، ތަނުގެ ވެރިފަރާތް ނުވަތަ އެ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ އެހެން މީހަކު ހުރެފައި، އެ އޮފިސަރުން އެތަން ބަލައި ފާސްކުރަން ފެށުމުގެ ކުރިން ނުވަތަ އެއަށްފަހު އެއިން ފަރާތަކުން އެތަން ދޫކޮށްފައި ހިނގައްޖެނަމަ، އެއިން ފަރާތެއްގެ ހާޒިރުގައި ބަލައި ފާސްކުރުމަށް މި މާއްދާގެ ދަށުން ލިބިދޭ ޙައްޤު ދޫކޮށްލީ ކަމުގައި ބަލައި، ބަލައި ފާސްކުރުމައިގެން ކުރިއަށްދެވިދާނެއެވެ. އެހެންނަމަވެސް، ތަނުގެ ވެރިފަރާތަށް ނުވަތަ އެ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ އެހެން މީހަކަށް ކޮންމެ ވަގުތެއްގައިވެސް އަނބުރާ އައިސް، އޭނާގެ ހާޒިރުގައި ބަލައި ފާސްކުރުން ކުރިއަށްގެންދިއުމުގެ ޙައްޤު ލިބިގެންވެއެވެ. ބަލައި ފާސްކުރުމާ ގުޅޭގޮތުން ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭ އިތުރު ބާރު 34. (ހ) ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން ކޯޓު އަމުރެއްގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި، އަންނަނިވި ބާރުތައް، އެ އަމުރު ތަންފީޛުކުރާ އޮފިސަރުންނަށް ލިބިގެންވެއެވެ. (1) ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ތަނަށް ވަދެ، އެތަން ބަލައި ފާސްކުރުމަށް އެކަށީގެންވާ ވަގުތު އެތަނުގައި ތިބުން؛ (2) އެތަނަށް ވަނުމަށްޓަކައި އެހެން ތަނަކަށް ވަންނަންޖެހޭ ކަމަށްވާނަމަ، ނުވަތަ އެތަނަށް ވަދެވޭނީ އެހެން ތަނެއް މެދުވެރިކޮށް ކަމަށްވާނަމަ، އެތަނަށްވެސް ވަނުން؛ (3) ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ނުވަތަ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް އެތަނުގައި ހުރިކަމަށްވާނަމަ، އެ އެއްޗެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނައުން؛ (4) އެތަނާއި އެތަނުގައި ހުރި ކަމާބެހޭ އެއްޗެހީގެ ފޮޓޯ އަދި/ނުވަތަ ވީޑިއޯ ނެގުން؛ (5) އެތަނެއްގައި އެވަގުތު ހުރި މީހަކު ބަލައި ފާސްކުރަންޖެހޭ ކަމަށްވާނަމަ، އެކަމެއް ކުރުން؛ (6) ތަޅުލާފައި ހުރި ދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން އެދޮރެއް ހުޅުވުން؛ (7) ބަންދުކޮށްފައިވާ ކުޑަދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން ނުވަތަ ކުޑަދޮރު ހަލާކުކޮށްލައިގެން އެ ކުޑަދޮރެއް ހުޅުވުން؛ (8) ތަޅުންގަނޑުން ބައެއް، ނުވަތަ ފާރުން ބައެއް، ނުވަތަ ފަންގިފިލާއިން ބައެއް ހަލާކުކޮށްލައިގެން ނުވަތަ ތަނެއް ކޮނެގެން ބަލަންޖެހޭ އެއްޗެއް ނުވަތަ ތަނެއް ބެލުން؛ (9) ބަންދުކޮށްފައި ހުރި ފޮށްޓެއް ނުވަތަ އެނޫންވެސް އެއްޗެއް ހުޅުވައިގެން ނުވަތަ ހަލާކުކޮށްލައިގެން ބަލަންޖެހޭ އެއްޗެއް ބެލުން؛ (10) އެތަނެއްގައި އޮތް އުޅަނދެއް ބަލައި ފާސްކުރަންޖެހޭ ކަމަށްވާނަމަ، އެކަމެއް ކުރުން. (ށ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުން ފެށިގެން (9) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ޤާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރުން ކުރަންވާނީ، އެއިން ކަމެއް، ބާރުގެ ބޭނުން ނުކޮށް ކުރެވެން ނެތް ޙާލަތުގައި އެކަންޏެވެ. (ނ) މި މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރުގައި އެހެން އޮތްނަމަވެސް، އުޅަނދެއް ބަލައި ފާސްކުރެވޭނީ، މި ޤާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ. އުޅަނދުފަހަރު ބަލައި ފާސްކުރުން 35. (ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ ބާރު ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިގެންވެއެވެ. (ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ އިޚްތިޔާރު ލިބިގެންވަނީ، ޤާނޫނަކުން ކަނޑައެޅިގެން އެ ބާރު ލިބިދޭ ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށެވެ. (ނ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައި މެނުވީ، ޤާނޫނު ތަންފީޛުކުރާ އިދާރާއަކަށް އުޅަނދެއް ބަލައި ފާސްކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ. (ރ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު ކޯޓު އަމުރަކާ ނުލައި، އުޅަނދެއް ބަލައި ފާސްކުރެވޭނީ، އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ވުޖޫދުގައިވާކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް، ޤާނޫނު ތަންފީޛުކުރާ އިދާރާއަށް ޤަބޫލުކުރެވޭ ޙާލަތުގައެވެ. (1) ޤާނޫނަކުން ގެންގުޅުން މަނާކުރާ ތޫނު އެއްޗެއް ނުވަތަ ގޮވާ އެއްޗެއް އެ އުޅަނދެއްގައި އޮތުން؛ (2) އެ އުޅަނދެއްގައި މަސްތުވާއެއްޗެއް ހުރުން؛ (3) އެ އުޅަނދެއްގައި ވަގަށް ނަގާފައިވާ މުދާ ހުރުން؛ (4) އެ އުޅަނދެއްގައި ކުށްކޮށްގެން ހޯދާފައިވާ މުދާ ހުރުން؛ (5) ކުށެއް ކުރުމުގައި ބޭނުންކޮށްފައިވާ އެއްޗެއް އެ އުޅަނދެއްގައި އޮތްކަމަށް ބެލެވުން؛ (6) ކުށެއް ކުރުމަށްޓަކައި ބޭނުންކުރި އެއްޗަކަށް އެ އުޅަނދުވުން؛ (7) އެ އުޅަނދުގައި ކުށެއްގެ ޢަމަލު ހިންގަމުންދާކަމަށް، ނުވަތަ ކުށުގެ ޢަމަލެއް އެއުޅެނީ ހިނގަންކަން، ނުވަތަ ކުށުގެ ޢަމަލެއް ދާދި ދެންމެ ހިނގައިފިކަމަށް، އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް، ޤަބޫލުކުރެވުން. (ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ވުޖޫދުގައިވާކަމަށް ޤާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރަކަށް ޤަބޫލުކުރެވޭނަމަ، ކޯޓު އަމުރަކާ ނުލައި އެ އުޅަނދެއް ބަލައި ފާސްކުރުމުގެ ބާރު، އެ އޮފިސަރަށް ލިބިގެންވެއެވެ. (ޅ) ކޯޓު އަމުރަކާ ނުލައި އުޅަނދެއް ބަލައި ފާސްކުރުމަށް މި މާއްދާގެ ދަށުން ޤާނޫނު ތަންފީޛުކުރާ އިދާރާއަކަށް ލިބިދޭ ބާރެއްގެ ބޭނުން ހިފުމުގައި، އެ އުޅަނދެއް ބަލައި ފާސްކުރެވެނީ ކޮން މަޤްޞަދެއްގައި ކަމާމެދު އެ އުޅަނދުގެ ވެރިފަރާތުން ސުވާލުކޮށްފިނަމަ، އެ އުޅަނދު ބަލައި ފާސްކުރެވެނީ، މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ޙާލަތްތަކުގެ ތެރެއިން ކޮން ޙާލަތެއްގައިކަން އުޅަނދުގެ ވެރިފަރާތަށް ސާފުކޮށްދޭންވާނެއެވެ.